Related Posts Plugin for WordPress, Blogger...

Thursday, June 27, 2013

ރައިވަރު ފުރޭތަ


ރައިވަރު ފުރޭތައަކީ މިސާލު ބަހެކެވެ. ބުނެވޭ ގޮތުގައި ރާއްޖެއަށް އައި އެންމެ މަޝްހޫރު ރައިވަރު ހަދާމީހާ: އީސަދަރިއަށް ރައިވަރު ދަސްކޮށްދިނީ ރައިވަރު ފުރޭތައެވެ.
ރޭގަނޑުގެ ވަގުތެވެ. އީސަދަރި ގޭބޭރުގައި ހުރި އަށިގަނޑެއްމަތީ އޮވެ މަސްކާށި ކަނީއެވެ. ގައިގައި ކަސްއަޅައިފައިވުމުގެ ސަބަބުން ގައިވެސް ކަހަމުން ދެއެވެ. މިހެން އޮވެގެން ރައިވަރެއްގެ ދެބައެއް އެބަ ކިޔައެވެ. އެދުވަސްވަރަކީ އެންމެންވެސް ރައިވަރަށް ލޯބިކުރާ ދުވަސްވަރެވެ. ރައިވަރު ހަދަން ނޭނގޭ މީހަކީ މީހަކަށް ނުވާ ދުވަސްވަރެވެ. އެހެންކަމުން އިރުކޮޅަކުން އީސަދަރި ކިޔައިލައެވެ. "މައެއްނޫނަސް މިރަށުގާ" "ބައެއްކަތު-" "ބައެއްކަތު އެބަ-" "ބައެއްކަތު އެބައުޅެތެ މާއީ" މިހިސާބަށް ދިޔަ އިރަށް ނިދިއްޖެއެވެ. ހޭލެވުނީ މީހަކު "ގައެއްކަހާތި ކެހުމާއި" މިހެން ކީ އަޑަށެވެ. 
މިހާރު އެ ރައިވަރު ހަމަޖެހިއްޖެއެވެ. 
   މައެއްނޫނަސް މިރަށުގާ
   ބައެއްކަތު އެބަ އުޅެތެ މާއީ
   ގައެއްކަހާތި ކެހުމާއި
ވީއުފަލުން ތެދުވިއިރު ގައި ކުރިމަތީގައި ހުރީ އަނދިރިގަނޑެއް ކަހަލަ އެއްޗެކެވެ. އީސަދަރި ބިރުން ތުރުތުރު އަޅަން ފަށައިފިއެވެ. އެ އަނދިރިގަނޑު ބުންޔެވެ. "ބިރު ނުގަންނާށެވެ. މިއައީ ކޮއްކޮއަށް ރައިވަރު ދަސްކޮށްދޭށެވެ. މިހެން ކިޔައިފައި އެ ފުރޭތަ އީސަދަރިގެ އަނގައަށް ދޫލިއެވެ. ދެން ބުންޔެވެ. "ރައިވަރު ކޮއްކޮގެ ހިތަކަށް ވީއެވެ. ބޭނުން ކޮންމެ އިރަކު އީސަދަރިއަށް ރައިވަރު ކިޔެނީ މެހެންވެއޭ ބުނެއުޅެއެވެ.
އީސަދަރީގެ އަންހެނުން އީސަދަރި ގެއްކަށް ދުޔަކަމާމެދު ޝައްކުވެގެން އެވާހަކަ ދެއްކީމާ ކިޔެވެ.
   ކާކުތަ ބުނީ މަ ދިޔައޭ
   ގޭދަނޑިމަތީ އޮންނަރުމާ
   ހޭހުރުމާ ނުހުރުމާ
ބުނެވޭގޮތުގައި އީސަދަރިޔާ ދެން ދެނޭ ގޮވާލައިފިނަމަ އޭނާއަށް ރައިވަރެއް ނުކިޔޭ ވަގުތެއް ނުދާނެއެވެ. އޭނާ ފާތިޙާ ކިޔަވަން އިންދާ މީހަކު ގޮވާލައިފިެވެ. "އީސަދަރިޔާ ދެންދެނެވެ". ހަމައެހެން ބުނުމާއެކު ކިޔައިލިއެވެ. 
   ދުއްއަމުކިޔަމެ ފާތިޙާ
   ހުންނައޮޑިޔަކު ހެއިންވާ
   ތުއްމައިލާ އަރުވާހި
އީސަދަރި މެންދުރުނަމާދަށް ހަރަން ބަނދެބަނދެ ހުއްޓާ މިސްކިތުގެ ހަރިންމަތެރޭން މީހަކު ގޮވައިލިއެވެ. "އީސަދަރިޔާ ދެންދެނެވެ". ހަމައެހެން ބުނުމާއެކު ކިޔައިލިއެވެ.
   ފަރުޟް މެންދުރު ނަމާދަށް
   ތަރުހަރަކުޢަތް އަދާކީމޭ
   ބަރު ﷲ އަކުކީމޭ
އިންސާނަކަށް މިކަހަލަކަމެއް ކުރަން އެންމެ ދަތިވާނީ މަރުމަތީގައި ކަމަށް އެނގިފައިވެއެވެ. ނަމަވެސް އީސަދަރިއަކަށް އެވަގުތުވެސް ރައިވަރެއް ކިޔާކަށް ދައްޗެއް ނުވިއެވެ. އީސަދަރި މަރުމަތީ އޮއްވާ މީހަކު އަހައިލިއެވެ. "އީސަދަރިޔާ ކޮބާ ކިހިނެއް؟". ހިމައެޔާއެކު އީސަދަރި ކިޔައިލިއެވެ. 
   ވަރުނުލާތާ ގޮވާލާކަނު
   ހަރުކުރެވި އޮޑިހެއިން ލެއްދެ
   މަރު-
މިހިސާބަށް ދިޔަތަނާ އީސަދަރި މަރުވެއްޖެއެވެ. ދެން އޭނާގެ އަންހެނުން ފަހުބަސް ހަމަޖައްސައިލިއެވެ. 
   "މަރުމިފަދަ ތުރާލެއްދެ"
މިހުރިހައި ކަމެއް ވުމާއެކު މީހަކު ރައިވަރު ހަދަން މާ މޮޅުވެއްޖެނަމަ އޭނާއަށް މިސާލުޖަހައި އުޅެނީ ރައިވަރު ފުރޭތައެއްގެ ގޮތުގައެވެ.

0 comments:

Post a Comment

We need your feedback so please comment.